ﷲއާއި ބައްދަލުވާން އެދޭނަމަ ދެކަމަކަށް ސަމާލުވާށެވެ.

ނާޒް ޙަމީދު

20 ނޮވެމްބަރ 2023

ފޮޓޯ/މީސްމީޑިއާ

ﷲއާއި ބައްދަލުވާން ކޮންމެ މުސްލިމަކުވެސް އެދޭނެއެވެ. އެކަމަށް އެދޭ މީހުން ޢަމަލުކުރަންވީފަސޭހަ ގޮތެއް ކީތިރި ޤުރްއާނުގައި ވަރަށް ސާފު ޢިބާރާތުން ﷲ ވަނީ މިވާހަކަ ބަޔާން ކުރައްވާފައެވެ. ކަހަފް ސުރަތުގެ އެންމެ ފަހު އާޔަތުގެ އެންމެ ފަހުބައިގާ އަންގަވަނީ

"ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާ صالح عمل ން عمل ކުރާ ހުށިކަމެވެ! އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސްމީހަކު ބައިވެރި ނުކުރާހުށިކަމެވެ!." މިއެވެ.

މިއާޔަތުން އެނގިގެން ދަނީ ﷲއާއި ބައްދަލުވާން އެދޭމީހާ ސަމާލުވާންވީ ދެކަމެއް ގެ ވާހަކައެވެ. އެމީހާ صالح عمل ން عمل ކުރާ ހުށިކަމެވެ! އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސްމީހަކު ބައިވެރި ނުކުރާހުށިކަމެވެ!.

ދުނިޔޭގަ ޙަޔާތުގައި ތިބާގެ ހުރިހާ ޢަމަލެއް ﷲއަށްޓަކައި ހިތްނިޔަތް ޚާލިޞްކޮށްގެން، އެކަލާންގެ ފޮނުއްވެވި ރަސޫލާ ﷺ އެންގެވިގޮތަށް ކޮށްފިނަމަ އެކަމެއްވެގެންދާނީ ޞާލިޙު ޢަމަލުގެ ތެރެއިންނެވެ.

އެއްވެސް އިތުރު ބައިވެރިއަކުގެ އެހީތެރިކަމަކާއި ނުލާ ތިބާ ޚަލްޤު ކުރައްވައި ތިބާއަށް ރިޒްޤުދެއްވަވައި، ތިބާގެންގުޅުއްވާ ވެރި އިލާހަށް އަޅުކަން ކުރުމުގައި އެހެން އެއްވެސް ފަރާތެއް އެ އިލާހާއި އެއްފަދަ ކޮށްގެންނުވާނެއެވެ. ބައިވެރިކޮށްގެން ނުވާނެއެވެ. އެހެނީ އެއިލާހާއި ބައިވެރިއަކު ހަމަކުރުމީ ޝިރުކެވެ. އެއީ އެންމެ ބޮޑު އަނިޔާއެވެ. މިކަން ބަޔާންކުރަށްވަވައި ﷲ ވަޙީ ކުރައްވަވަނީ ﴿ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ ﴾ (لقمان: 13). މާނައީ:- " ހަމަކަށަވަރުން، شريك ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ." މިއެވެ.

ތިބާ ކުރާ އަޅުކަން އެހެން މީހަކަށް ދައްކަން، ނުވަތަ ބަޔަކު ބަލާހެން ހީވެގެން އެކުރަންހުރި ކަމެއް ރީތިކޮށް، ޗާލުކޮށް،ފުރިހަމަކޮށްލުމުގެ ނިޔަތުގައިވެސް ކަމެއްކޮސްފިނަމަ އޭނާގެ އަޅުކަމުގައި މީހަކު ބައިވެރި ކުރީކަމުގައި ވެދާނެވެ. އަޅުކަން ކުރަންވާނީ ހަމައެކަނި ﷲގެ ރުހުންހޯދާށެވެ. މިދެންނެވި ބީދައިން އަޅުކަންކޮށްފިނަމަ އަދި ހެޔޮޢަމަލު ކުރުންމަތީ ދެމި ހުރެއްޖެނަމަ. އެމީހަކާއި ﷲ ބައްދަލު ކުރައްވާނެއެވެ. އެއީ އެއިލާހުގެ ވަޢުދުފުޅެވެ. އެއިލާހަކީ ވަޢުދާ ޚިލާފުވާ ފަރާތެއްނޫނެވެ. ﴿...فَلَنْ يُخْلِفَ اللَّهُ عَهْدَهُ﴾ (البقرة: 80 މާނައީ:- "اللَّه އެކަލާނގެ عهد ފުޅަކާ خلاف ވެވޮޑިއެއް ނުގަންނަވާނެތެވެ." މިއެވެ.

AD

ހިޔާލު ފާޅުކުރޭ