މަސްވެރިންނަށް ނުދެވި ހުރި 140 މިލިއަން ރުފިޔާ އަވަހަށް ދިނުމަށް ދަނީ މަސައްކަތް ކުރަމުން - ރައީސް

ނާޒް ޙަމީދު

10 ޑިސެމްބަރ 2023

ފޮޓޯ/ ރައީސް އޮފީސް

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެފައިވަނީ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން ބާކީ ހުރީ 140 މިލިއަނެއްހާ ރުފިޔާ ކަމަށާއި އެ ފައިސާ ވީ އެންމެ އަވަހަކަށް މަސްވެެރިންނަށް ދޫކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ކުރަމުން އަންނަ ކަމަށެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިންތިޒާމުކޮށްގެން ބޭއްވި "މަސްވެރިންގެ ގުންޒަރު 2023"ގައި ބައިވެރިވެވަޑައިގެން މަސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

އަދި އެމަނިކުފާނު މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވިއެވެ. މީގެ އިތުރުން، ރާއްޖެއަށް އެންމެބޮޑު އާމުދަނީއެއް ލިބޭނެ ސިނާޢަތަކީ މަސްވެރިކަން ކަމުގައި ހެދޭނެގޮތަށް ވިސްނުންފުޅު ބަހައްޓަވައިގެން، އެ ސިނާއަތުގެ ތަރައްގީ ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއަށް ލިބޭ ބޭރުގެ އެހީތަކުގެ ތެރެއިން ބައެއް، މަސްވެރިކަން ތަރައްގީކުރުމަށް ހޭދަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މަސްވެރިންނަށް ސަރުކާރުން ނުދީ އެތައް ދުވަހެއް ވެފައިހުރި ފައިސާ، މި ސަރުކާރު ވެރިކަމާ ހަވާލުވެ މިވީ ތިން ހަފުތާގެ ތެރޭގައި ދޭން ފަށާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިހާރު މަސްވެރިންނަށް ނުދެވި ހުރީ 140 މިލިއަނެއްހައި ރުފިޔާ ކަމަށެވެ.

AD

ހިޔާލު ފާޅުކުރޭ