މާލޭގައި ދިރިނޫޅުނަސް ފުލެޓު ޔަގީން

ނާޒް ޙަމީދު

12 ނޮވެމްބަރ 2023

ފޮޓޯ/މީސްމީޑިއާ

މި ސަރުކާރުގެ ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމު ކުރުމާއެކު ގިނަރައްޔިތުން މި ތިބީ ރަތަށް އަރައިފައެވެ. ސޯޝަލް މީޑިއާގައި އެނޫން ވާހަކައެއް ނެތެވެ. އެއް ބަޔަކު ކަމާ ބެހޭ މިނިސްޓްރީ ތެރެޔަށްވެސް ވަދެއްޖެ އެވެ. އުދާސްތައް ބަންޑުން ކޮށްލައިފި އެވެ.

ކަންތައްގަނޑު ބޮޑުވުމުން، ދާދި ފަހުން ނިދީން ހޭލައިގެން އުޅޭ އެންޓި ކޮރަޕްޝަން ކޮމިޝަނުން، "ވަގުތުން ވަގުތަށް" ފުލެޓުތައް ބަހާލުން ހުއްޓުވައިފި އެވެ. އެކަމަކު އެއީ ޝަކުވާތައް ބަލާފައި ނޫނީ ދޫނުކުރެވޭ ގޮތަށެވެ. އެއީވެސް ރައްޔިތު މީހާގެ ހިތަށް ތަސައްލީ ލިބޭ ކަމެއް ނޫނެވެ. ކަންތައްތައް ހުރިގޮތުން، އެމީހުނަށް އެއްވެސް އުއްމީދެއް ނެތެވެ. ހާލަތު އެއަށްވުރެ މާބޮޑަށްވެސް ގޯހީއެވެ.

ލިސްޓުގައި ފުލެޓުތައް ބަހާލާފައި ހުރީ ނުހައްގުން ކަން ސާފުވާ މިންވަރަށް ކަންކަން ވަނީ ތިލަވެފައެވެ. ސޯޝައަލް މީޑިއާއިން ފެންނަ މަންޒަރުތަކުން އެކަން ވަރަށް ބޮޑަށް ސާފުވެގެން ދެއެވެ. ހައްގު ނޫން އެތައް ބަޔަކަށް ފުލެޓު ލިބިފައިވާ ކަން ހެއްކާ އެކުވަނީ ހާމަވެފައެވެ. އެއަށް ކިޔޭނެ އިތުރު އެއްޗެއް ނެތެވެ. ނަމާއި އެޑުރެހާއި އެކު، ހައްގު ނުވާނެ ސަބަބު ވެސް އަންނަނީ ބުނެދެމުންނެވެ.

ދިރިނޫޅޭ ބައެއް މީހުން 4000 ފުލެޓުން ޔަގީންވި ލިސްޓުގައި އެބަ ތިއްބެވެ. އެ މީހުނަށް 76 އިން މަތީން މާކުސް ލިބެންވީ ގޮތެއް އެއްގޮތަށްވެސް ނޭނގެއެވެ. އެ ތަންތަން ހަދާފައި އެ ހުރީ އަހަރެމެން އެންމެންގެ ވެސް ފައިސާއިންނެވެ. ލިބޭނެ މީހުން ކަނޑައަޅާން ވާނީ އިންސާފުވެރިކޮށެވެ. އެންމެން ރުހޭ މިންވަރަށް ނުކުރެވުނަސް، ބަލާން ޖެހޭ ކަންކަން މިނިވަންކަމާއި އިންސާފުވެރިކަމާއެކު ބަލައިފި ކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނާން ވާނެއެވެ. ތިމަންނާއަށް މާކުސް ލިބިފައި ވަނީ އުސޫލުގައި އޮތް ގޮތަށް، ހަމަޔަށް ކަމުގެ ހިތްހަމަޖެހުން ލިބޭން ޖެހޭނެއެވެ. އެހެން މީހަކަށްވެސް އެނޫން ހަމަޔަކުން ލިބިފައި ނެތްކަމުގެ ޔަގީންކަންވެސް ލިބޭން ޖެހޭނެއެވެ.

AD

ހިޔާލު ފާޅުކުރޭ